އުރީދޫ މޯލްޑިވްސް އިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި ހޯދަމުން އަންނަ ކުރިއެރުންތަކާއެކު، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަޅައި އޫކްލާ ސްޕީޑްޓެސްޓިން އިން އުރީދުއަށް އެވޯޑު ދީފި އެވެ.
އުރީދޫން ބުނި ގޮތުގައި މި އެވޯޑަކީ ކަސްޓަމަރުންނަށް އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.
ޑިޖިޓަލް ގުޅުމަކީ ދިރިއުޅުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާއިރު، އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ވަރުގަދަ ނެޓްވޯކެއް ބިނާކުރުމެވެ. އެގޮތުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކާއި، އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއި، ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހޯދާ އާއިލާތަކަށް ވެސް ސުޕަނެޓް މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.
ދެމެހެއްޓެނިވިކަމާއި އިތުބާރު: ނެޓްވޯކެއްގެ އެންމެ މުހިންމު ސިފަ
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށެވެ.
"ހިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރަކީ ނެޓްވޯކެއްގެ ފެންވަރު ދައްކުވައިދޭ އެންމެ މުހިންމު ސިފަ. އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޫކްލާގެ ފަރާތުން ލިބުނު މި އެވޯޑަކީ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރުގެ ނަތީޖާއެކެވެ. މި ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ހަދިޔާއެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް، އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
އުރީދޫގެ ސުޕަނެޓް ޚިދުމަތް ތަރައްގީކޮށްފައިވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް، އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކާއި ނެޓްވޯކް އޮޕްޓިމައިޒޭޝަންގެ މައްޗަށް ބިނާކޮށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ހަލުވި އަދި ހަމަޖެހޭ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގައި އީޖާދީ މަސައްކަތްތަކެއް ކުރަމުންދާ އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ ނެޓްވޯކް ސްޓްރެޓެޖީ ބިނާވެފައިވަނީ ރާއްޖޭގެ ޖިއޮގްރަފީއަށް ބަލައި، އެންމެންނަށް ފަސޭހަކަމާއެކު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!