ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ލިބުނު ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރާއި ތާއީދު އޮތްކަމުގެ ސާފު ހެއްކެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ޝުޖާޢުގެ ދާއިރާގައި ހިމެނޭ މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ރޭ އޭނާ ވިދާޅުވީ އިންތިޚާބުތަކަކީ ރައްޔިތުން ވަރަށް ގިނަ ވާހަކަތައް ބުނެދޭ ވަސީލަތެއް ކަމަށާއި، ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުން އެމީހުންގެ ޝުޢޫރުތައް ވެރިކަންކުރާ ފަރާތްތަކަށާއި އިދިކޮޅު ފަރާތްތަކަށް ސާފުކޮށް ބުނެދޭ ކަމަށެވެ. އެގޮތުން ނިމިދިޔަ އިންތިޚާބުތަކުން ސަރުކާރަށް ގިނަ ފިލާވަޅުތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.

Ad
rt

"އަޅުގަނޑުމެންގެ ޕާޓީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެއް،" ޝުޖާއު ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުވާލައްވަމުން ޝުޖާއު ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކާއި ސިޓީތަކުން ޕީއެންސީއަށް ޖުމްލަ 277،011 ވޯޓު ލިބިފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ދިން ބޮޑު ތާއީދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 205،805 ވޯޓު ކަމަށް ވެސް ވިދާޅުވިއެވެ.

ވޯޓުގެ އިންސައްތައަށް ބަލާއިރު، ޕީއެންސީއަށް 42.92 އިންސައްތަ ލިބިފައިވާއިރު، އެމްޑީޕީއަށް ލިބިފައިވަނީ 39.8 އިންސައްތަކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވި ގޮތުގައި މި ނަތީޖާއިން ދޭހަވަނީ ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތު ތާއީދު އޮތީ ޕީއެންސީއަށާއި އެ ޕާޓީގެ ސިޔާސަތުތަކަށް ކަމެވެ.

ރައީސް މުޢިއްޒުގެ ތަޞައްވުރާ ގުޅޭގޮތުން ޝުޖާއު އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރާ ހަމައަށް ދާއިރު ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި ސަރުކާރު ހިންގުމަށް ގެންނަން ބޭނުންވާ ބަދަލުތައް ސާބިތުކަމާއެކު ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ގެންނަން ބޭނުންފުޅުވާ ގާނޫނީ ބަދަލުތައް ގެނައުމުގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ޝުޖާއު ދެއްވިއެވެ.

"އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ، ރައީސް ގެންނަން ބޭނުންފުޅުވާ ގާނޫނީ ބަދަލުތައް ގެނެސްދިނުމުގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް 24 ގަޑިއިރު ނުނިދާ މަސައްކަތްކޮށް އެ ބަދަލުތައް ގެނެސްދޭނެކަން،" މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ސީނިއަރ ޑެޕިއުޓީ ލީޑަރކަން ވެސް ކުރަށްވާ ޝުޖާއު ވިދާޅުވިއެވެ.