ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ) އިންތިޚާބުގައި ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީގެ 8 ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީ އަށް އިންތިޚާބު ކުރަންޖެހެނީ 10 ގޮނޑިއެވެ. އެއީ ކައުންސިލަށް 5 ގޮނޑި އަދި ޑަބްލިޔުޑީސީ އަށް 5 ގޮނޑިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި މި އިންތިޚާބުގައި ދުވާފަރު ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ޝާހް ކާމިޔާބުރީ 431 ވޯޓުގެ ތަފާތަކުންނެވެ. މިއީ ހުރިހާ ފޮއްޓެއްގެ ނަތީޖާކަމަށް އީސީގެ ވެބްސައިޓުން ދައްކައެވެ.
މި އިންތިޚާބުގައި ދުވާފަރު ރައީސްކަން ކާމިޔާބުކުރި ޕީއެންސީގެ ޝާހް ވަނީ 1398 ވޯޓު ހޯދާފައެވެ. އޭނާ އާއި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން މުހައްމަދު ފުޅަށް ލިބުނީ 967 ވޯޓެވެ. ދުވާފަރު ރައީސްކަމަށް މިނިވަން ކެންޑިޑޭޓެއް ވެސް ވާދަކުރިއެވެ. މިނިވަން ކެންޑިޑޭޓް އިޒްމީލް އަހްމަދަށް ލިބުނީ 179 ވޯޓެވެ.
ދުވާފަރު ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑިތެރެއިން އެންމެ ގިނަ ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ޝުކުރީ ގޮނޑި ކަށަވަރުކޮށްފައިވާއިރު އޭނާ އަށް ވަނީ 788 ވޯޓު ލިބިފައެވެ. ކައުންސިލްގެ ދެވަނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބުދުﷲ ނަޒީމް އަށް ވަނީ 749 ވޯޓު ލިބިފައެވެ.
ދުވާފަރު ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ދެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. މިގޮތުން ޕީއެންސީގެ ފާތިމަތު ނުޒުހަތު 1141 ވޯޓުގެ ބޮޑު ތަފާތަކުން ގޮނޑި ކަށަވަރުކުރިއިރު، ދެވަނަ ގޮނޑި ކާމިޔާބުކުރި އައިޝަތު ފާޒިރާ ވަނީ 960 ވޯޓު ހޯދާފައެވެ.
ދުވާފަރު ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ފާތިމަތު އަސީލާ ކާމިޔާބުކޮށްފައިވާއިރު، ޑަބްލިޔުޑީސީގެ އެހެން ގޮނޑިތައް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެ ގޮނޑިތައް ކާމިޔާބުކުރީ ފާތުމަތު ރައުޝަން، އާމިނަތު ސަލީލާ، އައިމިނަތު އަހްމަދު އަދި ހާޖަރާ އިސްމާއީލެވެ.
މި ގޮނޑިތައް ކާމިޔާބުކުރުމުގައި ކެންޑިޑޭޓުންނާއި، ކެމްޕޭން ޓީމާއި އަދި ސަޕޯޓަރުންނާއެކު ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު ޢަލީ ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!