މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޝާހިދު މި މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ.
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަޤާމަށް ޝާހިދު އައްޔަނުކޮށްފައިވަނީ 3 އޮގަސްޓް 2025 ގައެވެ. އެމްޑަބްލިޔުއެސްސީއާ ގުޅުމުގެ ކުރިން އޭނާ ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ 6 މެންބަރުންގެ މައްޗަށެވެ.
ޝާހިދު މަގާމުން ވަކިކުރިއިރ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ ވަނީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު އަދި ރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިންދީދީ ވެސް މަގާމުން ވަކިކޮށްފައެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން، ޕީސީބީން ވަނީ އޭނާ ވެސް މަގާމުން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!