ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓާ ގުޅިގެން، 2026 އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން 2026 އެޕްރީލު 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ.
އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީ، އާދީއްތަ ދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން، އިންތިޚާބަށް ފަހުގައިވެސް އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެތީ، އެޕްރީލު 6 ވާ ހޯމަ ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.
މި ނިންމެވުމާއެކު، އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށާއި، ވޯޓުލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޭނުންވާ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!