ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ ބޮޑު ހިނގާލުން" ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ. ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ އަދި ޤާނޫނީ ޙައްޤެއް ކަމަށާއި، ހުރިހާ ރައްޔިތުންވެސް ޤައުމީ ވިސްނުމެއްގައި ވޯޓު ދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ، "ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެ" ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ޤައުމަށް ގެނެސްދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިދިކޮޅު ފަރާތްތަކަށް ފުރުޞަތު ދީފިނަމަ ރަށްރަށުގެ ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ރައީސް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މި ޖަލްސާއަކީ އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބޭއްވި ބޮޑު ހަރަކާތެއްގެ ތެރެއިން ބޭއްވި ޖަލްސާއެކެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ޤައުމުގެ މުސްތަޤުބަލަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!