އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކަރަޖްގެ މުހިންމު ބްރިޖަކަށް ދިން ހަމަލާއަށް "ބަދަލުހިފުމުގެ" އިޝާރާތެއްގެ ގޮތުން، އީރާނުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ސަރަހައްދީ ބޮޑެތި ބްރިޖުތަކުގެ ލިސްޓެއް އާންމުކޮށްފިއެވެ.

އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ކުރީކޮޅު ބީ1 ބްރިޖަށް ދިން ދެ ހަމަލާއަށްފަހު، ސަރަހައްދީ ގައުމުތަކުގައި ހުރި ފާހަގަކޮށްލެވޭ ބައެއް ބްރިޖުތަކަކީ އަމާޒުފަތްގަނޑުތަކަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

Ad
rt

މި ލިސްޓުގައި ހިމެނެނީ ކުވެއިތުގެ ޝެއިޚް ޖާބިރު އަލް-އަހުމަދު އަލް-ސަބާހް ސީ ބްރިޖް، ސައުދީ އަރަބިއްޔާ އާއި ބަހްރޭން ގުޅުވައިދޭ ކިންގް ފަހުދު ކޯޒްވޭ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝެއިޚް ޒައިދު ބްރިޖާއި ޝެއިޚް ޚަލީފާ ބްރިޖް، އަދި އުރުދުންގެ ކިންގް ހުސައިން ބްރިޖް، ދާމިއާ ބްރިޖް އަދި އަބްދޫން ބްރިޖެވެ.

އެމެރިކާ އާއި އިސްރާއީލުން ބުރާސްފަތި ދުވަހުގެ ކުރީކޮޅު އަލްބޯރްޒް ޕްރޮވިންސްގެ ކަރަޖްގައި އޮންނަ ދަތުރުފަތުރުގެ މުހިންމު ބްރިޖެއް ކަމަށްވާ ބީ1 ބްރިޖަށް ދިން ދެ ހަމަލާގައި ދެ މީހުން މަރުވެ، ބްރިޖް ވަނީ ސުންނާފަތިވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަލާއަށްފަހު ބްރިޖުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ.

ދުޝްމަނުން އީރާނުގެ އުތުރުގެ ކަރާޖް ކޯރު ހުރަސްކުރާ ބުރިޖަށް ހަމަލާދީފި

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބީ1 ބްރިޖަކީ އީރާނުގެ ޒަމާނީ އިންޖިނިއަރިންގ މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބްރިޖެކެވެ. ގާތްގަނޑަކަށް 1،000 މީޓަރުގެ ދިގުމިން ހުންނަ މި ބްރިޖަކީ ތެހެރާނާއި ކަރަޖްއާ ދެމެދު އޮންނަ ޓްރެފިކް ކުޑަކުރުމަށާއި ގައުމުގެ އުތުރުގެ ޕްރޮވިންސްތަކަށް ދަތުރުފަތުރު ކުރުމަށް ފަސޭހަކުރުމަށް ފަރުމާކޮށްފައިވާ ބްރިޖެކެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 1،340 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އޭރުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނެއެވެ.

މީގެ ބަދަލުގައި ތެހެރާނުން ވަނީ އިސްރާއީލުގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އުރުދުން، އިރާގު އަދި ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ.