ބޭރުގެ ހިލޭ އެހީއާއި، ލޯނު އެހީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން މިއަދު ބޭއްވި ދެވަނަ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ތަފާތު އެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށްގެންދާ ކަންކަން ކަމަށެވެ. އެގޮތުން ބޭރުގެ އެހީއާއި ލޯނު ފެސިލިޓީތަކުގެ ދަށުންނާއި، ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު ހިނގަމުންދާ މަސައްކަތްތައް ނިންމުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް އެކަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލަށް ފެށުމަށް ހުރި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަލަށް ފަށަން ހުރި މަޝްރޫޢުތައް ނިސްބަތުން މިހާރު މަދު ކަމަށެވެ. ނަމަވެސް، އެ މަޝްރޫޢުތަކުގެ ތެރެއިން މިއަހަރު އިސްކަންދީގެން ކުރިއަށްގެންދާނެ މަޝްރޫޢުތައް ވަރަށް އަވަހަށް ނިންމަވާނެ ކަމަށާއި، އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ބޯހިޔާވަހިކަމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގްރޮސް ރިޒަރވް 1.2 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒަރވް ނުވަތަ ޔޫސަބަލް ރިޒަރވްވެސް 300 މިލިއަން ޑޮލަރަށް ވުރެ މަތީގައި ދެމެހެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުން ދައްކަންޖެހޭ ދަރަނިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސުކޫކް ޕޭމަންޓް ދެއްކުމަށް ކުރިންވެސް ކަނޑައަޅާފައިވާ ތާރީޚު ކަމަށްވާ އޭޕްރިލް 8 ވަނަ ދުވަހު އެ ފައިސާ ދެއްކުމަށް ކުރަންޖެހޭ ކަންކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ އިތުބާރު ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މިއަދުގެ މި ބައްދަލުވުމަކީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާގެ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުންތައް ބޭއްވުމުގެ މަޤްޞަދަކީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!