ހއ. މުރައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 250 ކިލޯވޮޓްގެ އާ ޖެންސެޓެއް އެ ރަށަށް ގެންދިއުމަށްޓަކައި މިހާރު ދަތުރު ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާޢު ވިދާޅުވެއްޖެއެވެ.
ސުޖާޢު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުރައިދޫގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ އީދު ހަދިޔާއެއް ދެއްވި ދުވަހެއް ކަމަށެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އުފާވެރި ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މުރައިދޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފޮނުވާ 250KW ގެ ބްރޭންޑް ނިއު ޖެންސެޓް މިހާރު ވަނީ ލޭންޑިންގ ކްރާފްޓަށް ބަރުކޮށް، އެ ރަށަށް ދިއުމަށް ފުރާފައިކަމަށް ސުޖާޢު ވަނީ ވިދާޅުވެފައެވެ.
ސުޖާޢު ވިދާޅުވި ގޮތުގައި މާތްﷲގެ އިރާދަފުޅާއެކު އަންނަ އާދިއްތަ ދުވަހު މި ޖެންސެޓް މުރައިދޫއަށް ފޯރާނެއެވެ.
މި އުފާވެރި މުނާސަބަތުގައި ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން ސުޖާޢު ވަނީ، މުރައިދޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންނާއި އޭނާގެ އަމިއްލަ ނަމުގައި އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!