ފީފާގެ އެންޓި-ޑިސްކްރިމިނޭޝަން ނުވަތަ ތަފާތުކުރުންތަކާ ދެކޮޅަށް ކަނޑައަޅާފައިވާ އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވުމުގެ ސަބަބުން، އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން (އައި.އެފް.އޭ) 150,000 ސުވިސް ފްރޭންކް (ގާތްގަނޑަކަށް 190,700 ޑޮލަރު) އިން ޖޫރިމަނާކުރުމަށް ފީފާއިން ބުރާސްފަތި ދުވަހު ނިންމައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ކުލަބެއް ކަމަށްވާ ބީޓާރު ގުދުސްގެ ސަޕޯޓަރުންގެ ފަރާތުން ފެންނަމުންދާ ނަސްލީ ތަފާތުކުރުންތަކުގެ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އިޒްރޭލުގެ އެސޯސިއޭޝަން ވަނީ ފެއިލްވެފައެވެ.
ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން މި މައްސަލަ ފީފާއަށް ހުށަހެޅީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ފަލަސްތީނުން އެދުނީ އިޒްރޭލު ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ފީފާއިން ނިންމީ ސަސްޕެންޑް ކުރުމުގެ ބަދަލުގައި ބޮޑު ޖޫރިމަނާއެއް ކުރުމަށެވެ.
ފީފާގެ ރިޕޯޓުގައި ބުނެފައިވަނީ ބީޓާރު ކުލަބުގެ ސަޕޯޓަރުން "ފޯ އެވަރ ޕިއޯ" (އަބަދަށް ތާހިރު) ފަދަ ސްލޯގަންތައް ބޭނުންކުރުމާއި، އަރަބި ކުޅުންތެރިންނާ ދިމާލަށް "ޓެރަރިސްޓް" ފަދަ ބަސްތަކުން މުޚާތަބުކޮށް ނަސްލީ ގޮތުން ދަށްކޮށްލުމަކީ އެ ގައުމުގައި އާންމުވެފައިވާ ކަމެއް ކަމަށެވެ.
މިއީ ހަމައެކަނި އެއް ކުލަބެއްގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އިޒްރޭލު އެސޯސިއޭޝަނުން މިފަދަ ކަންކަން ހުއްޓުވުމުގައި އިހުމާލުވަމުންދާކަމުގެ ހެއްކެއް ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
މި ޖޫރިމަނާގެ އިތުރުން، އިޒްރޭލުން ކުޅޭ ކުރިއަށް އޮތް ތިން މެޗުގައި "ފުޓްބޯޅައިން ދުނިޔެ އެއްބައިކުރޭ - ތަފާތުކުރުންތަކަށް ނޫނެކޭ ބުނޭ" މި ޝިއާރު ލިޔެފައިވާ ބޮޑު ބެނާއެއް ދަނޑުގައި ހަރުކުރުމަށްވެސް ފީފާއިން ވަނީ އަމުރުކޮށްފައެވެ. އަދި ޖޫރިމަނާގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރަންވާނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރުމަށް ކަމަށްވެސް ފީފާއިން ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!