އިރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ކުޅުދުއްފުށީ ސިޓީގައި ބޭނުންކުރާ ތެޔޮ، ގޭސް، ފެން އަދި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ހަފްތާއަކު މޮނީޓަރ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ 18 މާރޗް 2026 ގައި ބޭއްވުނު އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 6 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން:
ޚަރަދު ކުޑަކުރުމާއި ހޭލުންތެރިކަން އިތުރުކުރުން
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިޞާދީ ދަތިތަކުން ސަލާމަތްވުމަށް ޚަރަދު ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އެގޮތުން، ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާ ކެންޕެއިންއެއް ހިންގުމަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާކުތަކާއި މައިޒާންތަކުގެ ބައްތިތައް ކޮންމެ ރޭގަނޑެއްގެ 12 ގެ ފަހުން ނިއްވާލުމަށް ވަނީ ނިންމާފައެވެ.
އިއާދަކުރަނިވި ހަކަތައާއި ކާބޯތަކެތީގެ ރައްކާތެރިކަން
ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރަށްރަށަށް ކަނޑައަޅާފައިވާ ސޯލަރ ކޯޓާގެ ޕަސެންޓޭޖް ބޮޑުކޮށްދިނުމަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ލިޔުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ނާޒުކު ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ދަނޑުބިންތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
އިޖުތިމާޢީ އެހީތެރިކަމާއި ދެފުށް ފެންނަ މަޢުލޫމާތު
ސިޓީ ކައުންސިލުން އިތުރަށް ނިންމާފައިވަނީ ރަށުގައި ފަޤީރު ހާލަތުގައި ތިބި ފަރާތްތަކުގެ ހާލަތު ވަކިވަކިން ބަލައި، ކާބޯތަކެތީގެ ދަތިކަމެއް ހުރިނަމަ އެކަމަށް ހައްލެއް ހޯދައިދިނުމަށެވެ. އަދި ހަނގުރާމައިގެ ހާލަތުގައި އަސާސީ ޚިދުމަތްތަކާއި މުދަލުގެ އަގަށް އަންނަ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލައި ޤަރާރެއް ނެރުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ތެލާއި ގޭހުގެ ވިޔަފާރިއަށާއި ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގެ ހުއްދަ ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!