މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައުރު، މި ހާދިސާ ހިނގި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ނެރެފިއެވެ.
އާންމުންގެ ސަމާލުކަމަށް
ފުލުހުން އިލްތިމާސްކުރައްވާފައިވަނީ އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް އެއްނުވުމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ދުމުގެ އަސަރުކުރާނަމަ، މާސްކު އެޅުން ނުވަތަ ނޭފަތާއި އަނގަ ނިވާކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކުން އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވެސް ވަނީ އެދިފައެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށާއި، ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!