1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 20 މާރިޗު 2026 ވާ ހުކުރު ދުވަސްކަމުގައި ދިވެހި ސަރުކާރުން މިރޭ ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ 1447 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ސޮއިކުރެއްވި ހަނދާ ބެހޭ ބަޔާނުގައިވާ ގޮތުން، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18) ވީ ބުދަ ދުވަހުގެ އިރުއޮއްސުމަށްފަހު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުޢީ ހަމަތަކުން ސާބިތުވެފައެއް ނުވެއެވެ.

Ad
rt

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނޭކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް މިރޭ ހަނދު ފެނުނުކަމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައި ނުވާކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި ޢަމަލުކުރާ އުޞޫލުގެ މަތީން، މާދަމާ، 19 މާރިޗު 2026 ވާ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި 20 މާރިޗު 2026 ވާ ހުކުރު ދުވަހަކީ 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ވަނީ އިޢުލާންކޮށްފައެވެ.