ރައްޔިތުން އެދޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރާނީ މި ސަރުކާރުން ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެމްބަރު ވިދާޅުވީ ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވީ ދުވަހުން ފެށިގެން ރާއްޖޭގެ ވެރިކަންތަކުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން އައި އައުން ނިމުމަކަށް އައީކަން އެމަނިކުފާނު އިއުލާނުކުރައްވާފައި ވާކަމަށެވެ.

Ad
rt

ޝަރުއީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، އެ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ހަގީގީ މާނައިގައި ރައްޔިތުން ބޭނުންވާގޮތަށް ޖޭއެސްސީ އިސްލާހުކުރާނީ މި ސަރުކާރުން ކަމަށެވެ.

"މި ސަރުކާރު ވެގެންދާނީ ޖޭއެސްސީ މިނިވަންކޮށްދީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް ރައްޔިތުންގެ އިތުބާރު ޖުޑިޝަރީއަށް ހޯދައިދޭނެ ސަރުކާރަކަށް. މެމްބަރުން އިތުރުވަމުންދާ މައްސަލަވެސް ފާހަގަކުރެވޭ. ދެން ނެތް މަޖިލިސް ޗެމްބަރަކުވެސް އިތުރު މެމްބަރަކަށް ޖާގަދޭހާ ތަނެއް. މެމްބަރުންގެ އަދަދު ވެސް އެބަޖެހޭ ބަދަލުކުރަން. " ރިފާއު ވިދާޅުވެފަވެއެވެ.

ކޮންގްރެސް ޕާޓީގެ މެމްބަރުން އަބަދުވެސް މަސައްކަތް ކުރާނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްގީ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްކަމަށް މެމްބަރު ވިދާޅުވި އެވެ. އެމްޑީޕީންގެ ވެރިކަންތަކުގައި ޖޭއެސްސީ އިސްލާހުކުރުމަށް ވައުދު ވެފައިވިޔަސް 10 އަހަރު ނިމިގެންދިޔައިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ.