ކިއުބާގެ ގައުމީ ކަރަންޓު ވިއުގަ މިދިޔަ ހޯމަ ދުވަހު މުޅިން ހުއްޓުމަކަށް އައިސް، އެ ގައުމުގެ ގާތްގަނޑަކަށް 10 މިލިއަން މީހުން ކަރަންޓުގެ ހިދުމަތުން މަހުރޫމްވެއްޖެއެވެ.
ކިއުބާގެ ކަރަންޓު އޮޕަރޭޓަރު، ޔޫ.އެން.އީ އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މިހާ ބޮޑު ބްލެކްއައުޓެއް މެދުވެރިވާން ދިމާވި ސަބަބުތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ބޮޑު ނިޒާމީ ފެއިލިއާ ދިމާވީ އެމެރިކާއިން އަޅާފައިވާ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، އެ ގައުމުގައި ބޭނުންކުރަމުންދާ ކަރަންޓު އުފައްދާ ނިޒާމުތައް ވަރަށް ބޮޑަށް ބާވެފައިވުމުގެ ސަބަބުންނެވެ.
މިފަހަކަށް އައިސް ކިއުބާގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެތައް ގަޑިއިރަކަށް ނުވަތަ ދުވަސްތަކަކަށް ކަރަންޓު މެދުކެނޑުމުގެ ސަބަބުން، ނިމިދިޔަ ބަންދު ދުވަސްތަކުގައި އެ ގައުމުގެ ރައްޔިތުން ވަނީ މަދުން ނޫނީ ނުފެންނަ ފަދަ ވަރުގަދަ މުޒާހަރާތަކެއް ކޮށް، ސަރުކާރަށް ނުރުހުން ފާޅުކޮށްފައެވެ.
އެމެރިކާގެ ފިއްތުންތަކާއި ސިޔާސީ ގޮންޖެހުންތައް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި އަހަރު ވަނީ ކިއުބާއަށް ދެމުންދާ ފިއްތުންތައް އިތުރަށް ވަރުގަދަކޮށްފައެވެ. ހާއްސަކޮށް، ކިއުބާއަށް އެންމެ ބޮޑަށް އެހީތެރިވާ ވެނެޒުއޭލާގެ ރައީސް ނިކޮލަަސް މަދޫރޯއާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ނޭދެވޭ އަސަރު ކިއުބާއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ވެނެޒުއޭލާއިން ކިއުބާއަށް ފޮނުވާ ތެޔޮ ހުއްޓުވުމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވައި، ކިއުބާއަށް ތެޔޮ ވިއްކާ ކޮންމެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ސަބަބުން ކިއުބާގެ ބާވެފައިވާ ކަރަންޓު ވިއުގައަށް ބޭނުންވާ ތެޔޮ ނުލިބި، މުޅި ނިޒާމު ވަނީ އިނދަޖެހިފައެވެ.
ކިއުބާ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ބުނެފައިވަނީ، މި މައްސަލައަށް ހައްލެއް ހޯދުމަށް އެމެރިކާއާ އެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައިވަނީ ކިއުބާ އޮތީ އިނދަޖެހުމުގެ މަގުމަތީގައި ކަމަށާއި، އެ ގައުމުން އެމެރިކާއާ އެކު އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
ތެޔޮ ހުސްވުމާ ގާތަށް
ބައިނަލްއަގްވާމީ ނޫސް އެޖެންސީ ''ރޮއިޓާސް''ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ކިއުބާއަށް އައިސްފައިވަނީ ތެޔޮ ހިފައިގެން އައި އެންމެ ދެ އުޅަނދެވެ. އެއީ ޖެނުއަރީ މަހު މެކްސިކޯ އިން އައި ތެޔޮ ބޯޓަކާއި، ފެބްރުއަރީ މަހު ޖެމެއިކާއިން ކައްކާ ގޭސް ހިފައިގެން އައި ބޯޓެކެވެ. މީގެ ކުރިން މެދުކެނޑުމެއްނެތި ތެޔޮ ފޯރުކޮށްދިން ވެނެޒުއޭލާއިން މި އަހަރު އަދި އެއްވެސް ތެލެއް ކިއުބާއަށް ލިބިފައެއް ނުވެއެވެ.
ވެނެޒުއޭލާގެ ސަރުކާރު ކުންފުނި ޕީ.ޑީ.ވީ.އެސް.އޭ އިން މިދިޔަ މަހު ތެޔޮ ބޯޓަކަށް ޕެޓްރޯލް ބަރުކުރި ނަމަވެސް، އެ އުޅަނދު އަދިވެސް އޮތީ ވެނެޒުއޭލާގެ ކަނޑުގެ ސަރަހައްދުގައި ފުރަން ނުކުރެވިފައެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ކިއުބާގެ މައި ބަނދަރުތައް ކަމަށްވާ މަޓަންޒަސް، މޯއާ، ހަވާނާ އަދި ސިއެންފުއޭގޯސްގައި އެއްވެސް ވިޔަފާރީގެ ހަރަކާތެއް ނުހިނގާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!