ސަރުކާރަށް އެއްބާރުލުން ދޭނެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދީފިނަމަ، އޭގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ މުހިންމު ވޯޓެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތައް ބާކީކޮށް، އެ ތަންތަނުގެ ބާރު ކަނޑުވާލުމަށްފަހު ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި ރަށްރަށުގެ ތަރައްޤީގެ ކަންކަން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭނަމަ އޭގެ ހެވާއި ލާބަ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ. އަޅުގަނޑު ރައްޔިތުންނަށް ވެފައިހުރި ހުރިހާ ވައުދުތަކެއް ފުއްދުމަށް މިއަދާ ހަމައަށް އައިއިރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފީމު." ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ވާރުތަވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވެމުންދާކަން ރިޔާސީ ބަޔާނުގައި ތަފްސީލުކޮށްދެއްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކިބައިން ވޯޓަށް އެދެނީ ހެޔޮ ނިޔަތުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫޢުތައް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ކައުންސިލް ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭނެ ބަޔަކު ތިބުން މުހިންމު ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.