އާންމު ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން "ބިލެތްމާ ޓޭސްޓީ" ބްރޭންޑުގެ ދަށުން އުފައްދާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެ އޮތޯރިޓީން މި ފިޔަވަޅު އަޅާފައިވަނީ އެތަނާ ގުޅޭގޮތުން ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ ފާސްކުރުމަށްފަހުގައެވެ.

Ad
rt

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ތެލުލި ފިޔާ، ކޮށި މަސް، ކުޅި ކާޖާ އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ މާކެޓުކުރަމުން އަންނަ އެ ތަން ބަލާފާސްކުރިއިރު، އެއީ އާންމު ސާފުތާހިރުކަން ވަރަށް ބޮޑަށް ދަށް ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަނެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ކާބޯތަކެތި އުފައްދާ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމްވި ކަމުގައި ވީ ނަމަވެސް، "ބިލެތްމާ ޓޭސްޓީ" އަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ނޫންކަން ވަނީ ހާމަވެފައެވެ.

އެހެންކަމުން، އެތަނުގައި ކުރަމުން އައި ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މަތީގައި ދަންނަވާފައިވާ ނަމުގައި އުފައްދާ، އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގަމެވެ،" އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.