މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ހުރިހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ.
ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ މެދުއިރުމަތީގައި ފަށާފައި މިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށްވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، ވުޒާރާއިންނާއި މެދުއިރުމަތީގައިހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާކަމަށް ހާރިޖިއްޔާއިން ބުނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރިދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިސަރަޙައްދުގައިވާ އެމްބަސީތަކާއި ވުޒާރާގެ ހޮޓްލައިން ނަންބަރުތައް:
- ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +
- ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+
- ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް) 971501086689+
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިސްރާއީލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އީރާނުން ދޭ ރައްދު ހަމަލާތައް މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައްވެސް މިހާރު ވަނީ އަމާޒުވެފައެވެ .
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!