ލާމަރުކަޒީ ނިޒާމު ބާރުވެރިކުރީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ހަގީގަތުގައި މިއަދު އެމްޑީޕީގައި ވެރިޔަކު ނެތް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ހަތެއް ނުވަތަ އަށް މީހުން މިހާރުވެސް އެ ޕާޓީން ކެމްޕެއިން ކުރާއިރު އެމްޑީޕީގެ ލީޑަރުން މިއަދު މަސައްކަތްކުރަމުން ދަނީ ރައްޔިތުންގެ ފައިދާއަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

Ad
rt

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމުގައި އޮތީ އޮބިއަޅުވާފައި ކަމަށާއި، އެކަން ނިމުމަކަށް ގެނައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ކަމަށް މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު ކައުންސިލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. ރަށުގެ ތަރައްގީއަށް ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭނެއް 90 ދުވަހުގެ ތެރޭގައި ތައްޔާރުކުރުމަށް ގާނޫނުގައި ބަޔާންވެފައި އޮންނަކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭން ފާސްކޮށްދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުގައި ތިބި ހީވާގި މުވައްޒަފުންނާއެކު ތައްޔާރުކޮށް، ރައްޔިތުންގެ މަޝްވަރާ ހޯދައި ހުރިހާ ކަމެއް ތަރުތީބުކޮށް އެމްޑީޕީ ސަރުކާރުގެ ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ފޮނުވީމަ ހުއްދައެއް ނުދިން. އެތައް ފަހަރަކު ފޮނުވިން. ތިން އަހަރު އެ ތަކުލީފުގައި އޮތިން. ހަމަ ކޮންމެ ފަހަރަކު ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭނުގައި އޮބިއަޅުވައި ހިފަހައްޓަނީ. އެތައް އަހަރަކު އޮތި މި ޕްލޭންތައް ތަންފީޒު ނުކުރެވިގެން ޕްރޮޖެކްޓުތައް ނުހިންގިގެން. " މެމްބަރު ވިދާޅުވި އެވެ.

މިކަމަށް ނިމުން އައީ ރައީސް މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ކަމަށާއި، ކައުންސިލުތަކުގެ ލޭންޑު ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓު ޕްލޭންތައް ވީ އެންމެ އަވަހަށް ފާސްކޮށް އެކަމުގެ ހުއްދަތައް ދިނުމަށް އެލްޖީއޭއަށް އެންގެވީ ރައީސް މުއިއްޒުކަމަށް މެމްބަރު ދާއޫދު ވިދާޅުވި އެވެ.

އެލްޖީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ނިމާލަށް މިކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް މެމްބަރު ވިދާޅުވި އެވެެ.

ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި "ޗެމްޕިއަން" ކޮށްދެއްވީ ރައީސް މުއިއްޒުކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.