އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާއެވެ.
އޭޕްރީލް 4 ގައި ކުރިއަށްދާނީ ޖުމްލަ ތިން ވޯޓެކެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެކެވެ. މި ތިން ކަމަށްވެސް ވަކިވަކި ވޯޓު ކަރުދާސް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، އެއްފަހަރާ ގިނަ ކަރުދާސްތަކެއް ހުރުމުން ވޯޓުލުމުގެ މަރުޙަލާގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ވޯޓުލާންދާ ފަރާތްތަކުން އެކަމަށް ދުރާލާ ސަމާލުވުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސް ފަރުމާކޮށްފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށު ކައުންސިލްގެ ރައީސް ހޮވުމުގެ ބަޔާއި، އަންހެނުންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމުގެ ބައިގެ އިތުރުން، ކައުންސިލްގެ އާންމު މެންބަރުން ހޮވުމަށް ޚާއްޞަ ކުރެވިފައިވާ ބައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!