ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށާއި، ރިޓަޔަރ ކުރެއްވުމުގެ މުނާސަބަތުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ފުލުހުންނާއި މަދަނީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ނަވީންގެ ދިގު ޚިދުމަތުގެ ތެރޭގައި ދެއްކެވި ލާމަސީލު ލީޑަރޝިޕާއި، މުޖުތަމަޢުގެ އަމާންކަމަށްޓަކައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ޝަރަފުގެ ހަނދާނީ ފިލާ މި ރަސްމިއްޔާތުގައި ނަވީންއަށް ވަނީ އަރުވާފައެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.
އިސްމާޢީލް ނަވީން ރިޓަޔަރ ކުރައްވާފައިވަނީ 32 އަހަރަށްވުރެ ގިނަ ދުވަހު ޤައުމަށް ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކުގައެވެ. ނަވީން ރިޓަޔަރކުރެއްވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި އޭނާ ވަނީ އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ފުލުހުންގެ މުއައްސަސާއިން ވަނީ ނަވީން ކުރެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، އޭނާގެ ކުރިމަގުގެ ދިރިއުޅުމަށް އުޖާލާ ކާމިޔާބީއަކަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!