ހއ. ދިއްދޫގެ ބޯހިޔާވަހިކަމަށާއި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، އެއީ "ޒަމާނީ ދިއްދޫ" ބިނާކުރުމުގެ ފެށުން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.

Ad
rt

މި މަޝްރޫއު ނިންމާލުމުގެ އުފަލުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލަތީފް ވިދާޅުވީ، ދިއްދޫގެ ބިޔަ ބިންހިއްކުމުގެ މަޝްރޫއާއެކު ރަށުގެ ޗާޓު މިއަދު މުޅިން ބަދަލުވެފައިވާ ކަމަށެވެ.

"މިއީ ހަމައެކަނި ބިން އިތުރުވުމެއް ނޫނެވެ. މިއީ 'ޒަމާނީ ދިއްދޫ' ބިނާކުރުމުގެ ފެށުމެވެ. ދެން އޮތީ ރައްޔިތުން އެދޭ ފަދަ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭހެން، ތަރައްގީގެ އައު އުސްމިންތަކަކަށް ދިއްދޫ ގެންގޮސްދިނުމެވެ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ދިއްދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެހާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ތަރައްގީގެ މި ދަތުރުގައި ރައްޔިތުން ބޭނުންވާ ފަދަ ފާގަތި މުސްތަގްބަލެއް ބިނާކޮށްދެއްވުމުގައި މި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް މެންބަރު އެރުވިއެވެ.

ބާރު ސްޕީޑްގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، ދިއްދޫ ފަޅުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތަށް ބޭނުންވާ ކޮނެބޯޓު 3 ޖެނުއަރީ 2026 ގައި ސައިޓަށް ގޮސްފައިވާއިރު، އަމަލީ މަސައްކަތް ފަށާފައިވަނީ 4 ޖެނުއަރީ 2026 ގައެވެ. މި ބިޔަ މަޝްރޫއު އެއްކޮށް ނިންމާލާފައިވަނީ އެންމެ 50 ދުވަހުގެ ތެރޭގައި، 23 ފެބުރުއަރީ 2026 ގައެވެ. މި މަސައްކަތަށް ޖުމްލަ 5,492,089.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.

ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިންމާލިކަން ރައީސް ޢިއުލާން ކުރަށްވައިފި

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދުފުޅެވެ.

މިހާރު ނިންމާލެވުނު ބިން ހިއްކުމުގެ މަޝްރޫއަކީ އެ އެއާޕޯޓާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.