4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ބައެއް ރިސޯޓުތަކާއި ސިނާއީ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް އެ ތަންތަނުގައި މީހުން ރީ-ރަޖިސްޓަރީ ވެފައި ނުވާތީއެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަނުގެ ތެރޭގައި ރާއްޖެއިން ބޭރުގެ ދެ ގައުމެއް ކަމަށްވާ މެލޭޝިއާ އަދި ސްރީލަންކާ ހިމެނެއެވެ. މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ތިން ރަށެއް ކަމަށްވާ ހުޅުލެ، ގދ. ކާޑެއްދޫ އަދި ކ. ތިލަފުށީގައި ވެސް މި އިންތިޚާބުގެ ވޯޓުފޮށި ނުބަހައްޓާނެއެވެ.

ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތަކުގެ ތެރޭގައި ޖުމްލަ 29 ރިސޯޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ށ. ގާކޮށިބީ، ސިއްރު ފެންފުށި، ރޮބިންސަން ނޫނު، ސިޔާމް ވޯލްޑް، ސޮނެވާ ޖާނީ، ސަން ސިޔާމް އިރުފުށި، ރޯޔަލް އައިލެންޑް، ވެލައްސަރު މޯލްޑިވްސް، ވިލާ ޕާކް، އަދި ތާޖް އެގްޒޮޓިކާ ފަދަ ރިސޯޓުތައް ހިމެނެއެވެ. މި ތަންތަނުގައި ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން މީހުން ރަޖިސްޓަރީވެފައިވާތީ، އެ ތަންތަނުގައި ވޯޓުލުން ކުރިއަށް ނުގެންދާނެ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ވިދާޅުވީ، މި ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވައިލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

"މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ،" ކޮމިޝަނުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި ނިންމުމާއެކު، އެ ތަންތަނުގައި ތިބި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުން ވޯޓުލާން ބޭނުންވާ ތަން ކަނޑައެޅުމަށްޓަކައި، ކުރިއަށް އޮތް ރީ-ރަޖިސްޓްރޭޝަން މުއްދަތުގައި ސަމާލުކަން ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އީސީން މިހާރު ވަނީ މި ތަންތަނުގައި ތިބި މީހުން އެހެން ފޮށިތަކަށް ރަޖިސްޓަރީ ވުމަށް ފުރުސަތު ހުޅުވާލާފައެވެ.