ކުޅުދުއްފުށި ސިޓީގެ މަށި ކުޅިއަށް ދޫކޮށްލާފައިވާ ކަހަނބެއް ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް މިއަދު އަނބުރާ ދޫކޮށްލައިފިއެވެ.
މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މިގޮތަށް ދޫކޮށްލާފައިވަނީ ވެލާ ކަހަނބުގެ ބާވަތެއް ކަމަށްވާ ''Hawksbill Sea Turtle'' އެއް ކަމަށެވެ.
މި ކަހަނބަކީ ނެތިދިއުމުގެ ބިރު އޮތް، ރާއްޖޭގައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ދިރުމެކެވެ.
ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައި އޮތް ކަހަނބު ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލަނީ، ފޮޓޯ: ސިޓީ ކައުންސިލް
މި ކަހަނބު ސަލާމަތްކޮށް ގުދުރަތީ މާހައުލަށް ދޫކޮށްލުމަށް ކުރެވުނު މަސައްކަތުގައި ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ފަރާތުން ލިބުނު އަވަސް އިޖާބައާއި އެއްބާރުލުމަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައި އޮތް ކަހަނބު، ފޮޓޯ: ސިޓީ ކައުންސިލް
ކުޅިތަކާއި ޗަސްބިންތަކަކީ ނާޒުކު އަދި ހާއްސަ މާހައުލުތަކަކަށް ވާތީ، އެ ތަންތަން އޭގެ ގުދުރަތީ ގޮތުގައި ބެހެއްޓުމަކީ މުހިންމު ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
"މިފަދަ މާހައުލުތަކުގައި ގުދުރަތީ ގޮތުން ނޫޅޭ ދިރުންތައް އެތަނަށް ދޫކުރުމަކީ، މާހައުލުގެ ގުދުރަތީ ސިފަތައް ގެއްލި، އެ ދޫކުރެވޭ ދިރުންތަކަށާއި މުޅި މާހައުލަށް ވެސް ގެއްލުންވެދާނެ ކަމެއް،" ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން، ކަނޑުގެ ދިރުންތަކާއި، ކޯރުމަސް އަދި އެކުއެރިއަމް ގަސް ފަދަ ތަކެތި ކުޅިތަކަށް ދޫނުކުރުމަށް ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ. އަދި މަހަށް ކާންދިނުން ފަދަ ކަންކަމަކީ ކުޅީގެ ގުދުރަތީ ނިޒާމަށް ބަދަލު އައިސް، ބަލިތަކާއި ފެން ފެއްސަށްވުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެއް ކަމަށްވާތީ އެކަންކަމުން ދުރުހެލިވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!