ތައިލޭންޑްގެ ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ދެމުން އަންނަ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ނަރުހުންނާއި ފޫޅުމައިންނަށް ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހުންނާއި ފޫޅުމައިންގެ ތެރެއިން، އިޖުތިމާއީ ކުރިއެރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ.
މިނިސްޓްރީ އޮފް ހެލްތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ފޯމު ހުށަހަޅަންޖެހެނީ އެ މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށެވެ.
މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހެޅުމުގައި އީމެއިލް މެދުވެރިކޮށްވެސް ފޯމު ފޮނުވޭނެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން piir@health.gov.mv އަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި އެވޯޑާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެވޯޑަށް ހާއްސަކޮށްފައިވާ ވެބްސައިޓް http://www.princess-srinagarindraaward.org/ އިން މައުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން އިތުރު ސާފުކުރުމެއް ބޭނުންވާނަމަ މިނިސްޓްރީގެ ކަމާބެހޭ ޑިވިޜަނަށް އީމެއިލް ކުރުމަށްވެސް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!