އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކާއި ގިނަ ހުރަސްތަކެއް ކުރިމަތިކުރުވި ނަމަވެސް، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވުމަށް އަލް-އަގްސާ މިސްކިތަށް 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ޖަމާވެއްޖެއެވެ.
2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެބްރުއަރީ 18 ގައި ފަލަސްތީނުގައި ފެށިފައިވާއިރު، މިއަދަކީ މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ. ސައުދީ އަރަބިއްޔާ ހިމެނޭހެން ގިނަ އިސްލާމީ ޤައުމުތަކުގައި ވެސް ރޯދަ ހިފަން ފަށާފައިވަނީ ފެބްރުއަރީ 18 ގައެވެ.
މި މުނާސަބަތާ ގުޅިގެން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުން މުސްލިމުން އަގްސާ މިސްކިތަށް ޖަމާވި ނަމަވެސް، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ވަނީ މިސްކިތަށް ވަނުމަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. ރިޕޯޓްތައް ބުނާގޮތުން ހުޅަނގު އައްސޭރިން އައި މީހުން ހިމެނޭހެން 80،000 މީހުން ނަމާދަށް ހާޒިރުވި ނަމަވެސް، ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިސްކިތުގެ އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނީ އެންމެ 10،000 އެއްހާ މީހުންނަށެވެ. އެހެންކަމުން ގިނަ ބަޔަކު ނަމާދު ކުރަން ޖެހުނީ މިސްކިތުގެ ބޭރުގައާއި ކައިރި މަގުތަކުގައެވެ.
އިސްރާއީލުގެ ސިފައިން ވަނީ ޤުދުސްގެ ބޯޑަރުތަކާއި މިސްކިތަށް ވަންނަ ދޮރުތައް ކައިރީގައި ތިބެ، ގިނަ އަދަދެއްގެ ޒުވާނުން މިސްކިތަށް ވަނުން މަނާކޮށްފައެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުން ވަނީ މިފަދަ ފިއްތުންތަކަށް ބެލުމެއްނެތި، އެބައިމީހުންގެ މުޤައްދަސް ބިމުގައި އަޅުކަންކުރުމުގެ ރޫޙު ދަމަހައްޓާފައެވެ.
މާތްﷲ އެންމެހާ އަޅުތަކުންގެ ހެޔޮ ދުޢާތައް އިޖާބަކުރައްވައި، މި ބަރަކާތްތެރި ރަމަޟާން މަހަކީ މުޅި އިސްލާމީ އުންމަތަށާއި، ވަކިން ހާއްސަކޮށް ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް އަމާންކަމާއި، ބަރަކާތާއި، އަދި ރޫޙާނީ ވަރުގަދަކަން ލިބިގެންދާނެ މަހެއްކަމުގައި ލައްވާށިއެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!