ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، ބުދަ ދުވަސް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން މިކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނު އާންމުކުރެއްވި މެސެޖެއްގައެވެ.
ފަލަކީ އިލްމުގެ މައްޗަށް ބިނާކޮށް ހޯދިފައިވާ ހިސާބުތަކަށް ރިއާޔަތްކުރައްވައި މައުމޫން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންނާނެ ކަމަށް ބެލެވެނީ މާދަމާ ކަމަށާއި، އެހެންކަމުން ބުދަ ދުވަހަކީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
މި މުނާސަބަތުގައި ރައީސް މައުމޫން ވަނީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ރައީސް މައުމޫނަކީ ކޮންމެ އަހަރަކުވެސް އިސްލާމީ މުހިންމު މަސްތަކާއި ދުވަސްތަކާ ގުޅޭ ފަލަކީ ހިސާބުތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މިއަހަރުގެ ރަމަޟާން މަހަށް ދިވެހި ރައްޔިތުން ތައްޔާރުވަމުންދާއިރު، ރަސްމީކޮށް ހަނދު ސާބިތުކުރުން އޮންނާނީ މިރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!