ސައުދީ ވިމެންސް ޕްރެމިއާ ލީގުގެ މަޝްހޫރު ކްލަބު، އަލް ނަޞްރުގެ އަންހެން ޓީމުގެ ކެޕްޓަން އަދި ބްރެޒިލްގެ ގައުމީ ޓީމުގެ ތަރި ކެތެލީން ސޫޒާ އިސްލާމްދީން ގަބޫލުކޮށްފިއެވެ.

15 ފެބްރުއަރީ 2026 ވަނަ ދުވަހު އަލް ނަޞްރު ކްލަބުން ވަނީ މިކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. މި އުފާވެރި ޚަބަރާ ގުޅިގެން ކްލަބުގެ މައި މަރުކަޒުގައި ޚާއްޞަ އިޙްތިފާލެއް ބާއްވާފައިވާއިރު، މި ހަފްލާގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އިދާރީ މުވައްޒަފުން ބައިވެރިވެ ކެތެލީންއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

Ad
rt

އަލް ނަޞްރު ކްލަބުގެ ރަސްމީ އެކްސް އެކައުންޓުގައި މި ތާރީޚީ ވަގުތުކޮޅުގެ ވީޑިއޯއެއް ހިއްސާކުރަމުން ބުނެފައިވަނީ، މިއީ ކެތެލީންގެ ހަޔާތުގައި އައި ވަރަށް "ޚާއްޞަ ވަގުތެއް" ކަމަށެވެ. އަދި މާތްﷲ އޭނާއަށް އިސްލާމްދީންމަތީ ސާބިތުކަން ދެއްވައި، ހިތަށް ހަމަޖެހުމާއި އަމާންކަން މިންވަރުކުރެއްވުމަށް އެދި ކްލަބުން ވަނީ ދުޢާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ކެތެލީން ބުނީ، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން އިސްލާމްވުމުގެ ނަސީބު ލިބުމުން އިންތިހާއަށް އުފާވާ ކަމަށެވެ.

"މިއީ ހަޤީޤީ ތެދު މަގު ހޯދުމަށާއި، އަމިއްލަ ނަފްސު އިޞްލާޙުކޮށް ރަނގަޅު އިންސާނަކަށް ވުމަށް އަހަރެން ކުރަމުންދިޔަ ދަތުރުގެ ނަތީޖާ،" އޭނާ ބުންޏެވެ.

އުމުރުން 29 އަހަރުގެ ކެތެލީން ސޫޒާ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ފްރާންސްގެ ބޯޑޯ، އިޓަލީގެ އިންޓަ މިލާން އަދި ސްޕެއިންގެ ރެއާލް މެޑްރިޑް ފަދަ ވަރުގަދަ ކްލަބުތަކަށް ކުޅުމަށްފަހު އޭނާ އަލް ނަޞްރާ ގުޅުނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ބްރެޒިލްގެ ގައުމީ ޓީމާއެކު 2022 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފެމެނީނާ ކާމިޔާބުކޮށްފައިވާ ކެތެލީން އަކީ މިހާރު ސައުދީ އަންހެން ފުޓްބޯޅަ ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާއެވެ.

ކެތެލީން އިސްލާމްވި ޚަބަރަށް ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަލް ނަޞްރުގެ ސަޕޯޓަރުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.