ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން 118 ބަނދަރެއްގެ މަސައްކަތް ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމައި، ރަށްރަށާ ހަވާލުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި ނިޒާމު ފުރިހަމަވެގެންދާނީ ރަށްރަށުގެ ލަފާފުރުމުގެ ވަސީލަތްތައް ތަރައްޤީކުރެވިގެން ކަމަށެވެ.

ބަނދަރުތަކުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރު ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ބަނދަރު ހެދުމުގެ 14 މަޝްރޫޢެއްގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އަލަށް ސޮއިކުރެވުނު 33 މަޝްރޫޢާއެކު، މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި 102 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 16 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، މި ހުރިހާ މަޝްރޫޢުތަކެއް (ޖުމްލަ 118 ބަނދަރު) ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް އަވަސްކުރުމަށާއި ޚަރަދު ކުޑަކުރުމުގެ ގޮތުން، ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލަ ގަނޑުކޮށް ރާއްޖެއަށް ގެނެސް ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ނިމިދިޔަ އަހަރު ތިން އަތޮޅެއްގައި ސްޕީޑް ފެރީގެ ޚިދުމަތް ފަށާފައިވާ ކަމަށާއި، މިހާތަނަށް އެ ޚިދުމަތް ނުލިބޭ 8 އަތޮޅުގައި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ސްޕީޑް ފެރީގެ ނިޒާމު ޤާއިމުކޮށް ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ރަށްތައް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަސައްކަތެވެ.