އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި ނިމުމުން ގާއިމުކުރެވިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ އުތުރާއި ދެކުނު ތަރައްގީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad
rt

ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމަށާއި، ފުވައްމުލައް ސިޓީއަށާއި، ހުވަދުއަތޮޅަށް 'ޓުވިން އޮޓަރ އެއަރ ކްރާފްޓް އޮން-ވީލްސް' ގައި ދަތުރުތައް ފަށާފައިވާ ކަމަށެވެ. މިއީ އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯން ގުޅައިލުމަށް ގާއިމުކުރި ވިޔުގައެކެވެ.

ގައުމީ އެއާލައިނުން ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފި

މީގެ އިތުރުން، ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ ދަށުން މިދިޔަ ޖަނަވަރީ މަހު ނ. ވެލިދުއަށް ދަތުރުތައް ފަށާފައިވާކަމަށާއި، މި މަހުގެ ތެރޭގައި އއ. ތޮއްޑުއަށްވެސް ދަތުރުތައް ފަށާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ:

ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ށ. މިލަންދޫ، ނ. ވިހަފަރު، ރ. އަލިފުށި، ރ. ފައިނު، ބ. ތުޅާދޫ، އއ. މަތިވެރި، ފ. ނިލަންދޫ، ފ. މަގޫދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، ލ. ކައްދޫ، ގއ. ވިލިނގިލި، ގދ. ކާޑެއްދޫ އަދި އައްޑޫ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާ ކަމަށެވެ.
ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގއ. މާވަރުލު އަދި ފުވައްމުލައް ސިޓީ އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި މިހާރު ރޭގަނޑު ފްލައިޓް ޖެއްސޭނެއެވެ. އަދި ބ. ދަރަވަންދޫ އެއަރޕޯޓް އައިލެންޑް އޭވިއޭޝަނަށް ބަދަލުކޮށް، އެތަން ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ހެދުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.