ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ކަމުގެ މަގާމުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފިއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ޑރ. ޒާހިރާ ބައްދަލުކުރައްވައި، އެމަނިކުފާނު ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޑރ. ޒާހިރަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.
ޑރ. ޒާހިރު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރުންވެސް އެ ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ރައީސް މުޢިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
ދައުލަތަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރެއްވުން
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ޒާހިރުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ޚާއްޞަ ސިޓީފުޅެއް އެރުވިއެވެ. އެ ސިޓީފުޅުގައި، އައިޔޫއެމްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގައްޔާއި، 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެޑިޔުކޭޝަން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރުވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 33 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ ތަޢުލީމީ ދާއިރާގައެވެ. އެމަނިކުފާނަށް ދައުލަތުން ވަނީ 10 ނޮވެންބަރު 2008 ގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!