ހއ. ދިއްދޫގައި ޕްރީ ސްކޫލްގެ ތައުލީމަށް ހާއްސަކޮށް އެރަށު ކައުންސިލުން ބިނާކުރި ''މަދަރަސަތުލް ޣާޒީ މުޙައްމަދު'' ސްކޫލް ރޭ ހުޅުވައިފިއެވެ.
ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޫލް ހުޅުއްވައިދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ އެ ސްކޫލަކީ ދިއްދޫ ކައުންސިލުން ބޮޑު ޚަރަދެެއްކޮށްގެން ބިނާކޮށްފައިވާ ތަނެއްކަމަށެވެ.
ޢަބުދުﷲ ރަޝީދު މައުލޫމާތުދެއްވި ގޮތުގައި މި ސްކޫލް ތަރައްގީކޮށްފައި ވަނީ 6 ކްލާސް ރޫމާއި، ސްޓާފް ރޫމާއި އިދާރީ އޮފީހަކާއި އަދި 4 ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކެއް އެކުލެވޭހެންނެވެ.
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ދިއްދޫ ޣާޒީ މުހައްމަދު ޕްރީސްކޫލް ހުޅުއްވައިދެއްވަނީ، ފޮޓޯ: ދިއްދޫ ކައުންސިލް
''ހަގީގަތުގައި މި ސްކޫލަކީ 84 އަހަރު ވެފައިވާ ސްކޫލެއް، މިއީ ރާއްޖޭގެ ތިންވަނަ އަށް އުފެދުނު ސްކޫލް، މިރަށާއި މި އަތޮޅާއި އަދި އެހެން ރަށްރަށުގެ އެތައް ބަޔަކު ތައުލީމު އުނގެނުތަން'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
ޢަބުދުﷲ ރަޝީދު ވިދާޅުވިގޮތުގައި މި ތަނަށް 84 ވަރަކަށް އަހަރުވެފައިވާއިރު މީގެ 15 ވަރަކަށް އަހަރު ކުރިން އެ ސްކޫލަށް ކިޔަމުން އައި ނަމަކީ ''މަދަރަސަތުލް ޣާޒީ މުޙައްމަދު'' ކަމަށެވެ. ނަމަވެސް މީގެ 15 ވަރަކަށް އަހަރުކުރިން ''ޣާޒީ މުޙައްމަދު ޕްރީ ސްކޫލަށް'' އެ ސްކޫލްގެ ނަން ބަދަލުކޮށްފައިވާކަމަށާއި، އެތަން އަލުން ތަރައްގީކޮށް ރޭގައި ހުޅުވިގެން ދިޔައީ އެތަނަށް އެންމެ ފުރަތަމަ ދެވުނު ނަން ''މަދަރަސަތުލް ޣާޒީ މުޙައްމަދު''ގެ ނަމުގައިކަމަށް ލަތީފް ވިދާޅުވިއެވެ.
ދިއްދޫ މަދަރަސަތުލް ޣާޒީ މުޙައްމަދު ސްކޫލްގައި 160 ކުދިން މިވަގުތު އުނގެނެމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!