ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގައި ބޭނުންކުރާ ޚާއްޞަ އިކްއިޕްމަންޓްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަކެތި އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން އެވެ.

Ad
rt

ހަދިޔާކުރި އިކްއިޕްމަންޓްތަކުގެ ތަފްސީލް

އުރީދޫއިން ހަދިޔާކުރި އިކްއިޕްމަންޓްތަކުގެ ތެރޭގައި ހިމެނެނީ އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓަކާއި، ލޫބެލް ލެބް އަންޑަރ ވޯޓަރ ލައުޑްސްޕީކަރެއްގެ އިތުރުން ތިން އޯޝަން ރީފް ފުލް ފޭސް ޑައިވިންގ މާސްކެވެ. މި ތަކެއްޗަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ އާލާތްތަކެކެވެ.

އުރީދޫ އިން ހަދިޔާކުރި ބައެއް ސާމާނު، ފޮޓޯ: އުރީދޫ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، "ކަނޑުގެ މާހައުލަށް ބިނާވެފައިވާ މިފަދަ ގައުމެއްގައި، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އަދި ކަނޑުއަޑީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މިއިކްއިޕްމަންޓް ތަކަކީ ނުހަނު ބޭނުންތެރި ތަކެތި" ކަމަށެވެ. އަދި އުރީދޫއިން ކަނޑުގެ ސަލާމަތަށް ދެއްވާ އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އެހެންކަމުން އެމްއެންޑީއެފުން ކުރާ ގައުމީ މަސައްކަތަށް އެހީތެރިވުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށާއި، އުރީދޫގެ އަމާޒަކީ މުޖުތަމަޢުއަށް ފައިދާހުރި ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އުރީދޫގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އާލާތްތަކުގެ ސަބަބުން ކޯސްޓްގާޑުން ހިންގާ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.