ފަތިސް ނަމާދުން ދުވަސް ފަށައި، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުންމަތީ ދެމިތިބުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަޢުލީމީ ޙަޔާތަކީ އަމިއްލަ ނަފްސަށާއި، މައިންބަފައިންނަށާއި، މުޖުތަމަޢާއި ޤައުމަށް އެންމެ ބޭނުންތެރި ގޮތުގައި ބޭނުންހިފާ ދުވަސްތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި މުސްލިމުންގެ ގޮތުގައި ތިބެ، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ތަރުތީބުކޮށް، ކޮންމެ ވަގުތެއްވެސް ހޭދަކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ނަމާދަށް ފަރުވާތެރިވުމާއި މައިންބަފައިންގެ ޒިންމާ

ރައީސްގެ ވާހަކަފުޅުގައި ވަނީ ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުކޮށްގެން ދުވަސް ފެށުމަށް ހުރިހާ ދަރިވަރުން ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ. "ފަރްޟު ފަސްނަމާދު އަދާކުރުމަށް ލޮބުވެތި ހުރިހާ ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން. ވަގުތުން ވަގުތަށް ނަމާދުކުރުމަށް. ފަތިސް ނަމާދަށް ގަޑިއަށް ހޭލުމަށް،" ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ދަރިވަރުން ފަތިސް ނަމާދަށް ހޭލައި ނަމާދުކުރޭތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ކަށަވަރު ކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ދީނީ ކަންކަމަކީ ހަމައެކަނި ފޮތެއްގައި ލިޔެވިފައި އޮންނަންޖެހޭ ކަންކަން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ޢަމަލީ ގޮތުން ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި ޝަހީދު ޢަލީ ސްކޫލުގައި ނަމާދުކުރާނެ ދެ ކޮޓަރި ޤާއިމުކޮށްފައި ހުރުމާއި، ކްލާސްރޫމްތަކުގައިވެސް ނަމާދުކުރެވޭނެ އިންތިޒާމުތައް ޓީޗަރުން ބައްޓަންކުރައްވާފައި ހުރުމަކީ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަރުގަދަ ބިންގަލެއް އެޅުން

ދަރިވަރުންގެ މުސްތަޤްބަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި، ޓީޗަރުންގެ ބަސް އެހުމަކީ މުސްތަޤްބަލަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށެވެ. "ތިޔަ ކުދިން ކިޔަވައިގެން ނުކުމެ، ބޮޑެތި މީހުންނަށްވެ، ކުރިއަށްދާން ބަލާއިރުގައި، ބިންގާ އޮތީ ވަރަށް ވީކްކޮށް، ނޫނީވިއްޔާ ރެނދު އަޅާފައި ކަމަށްވަންޏާ، ޙަޔާތުގައި ގެއްލުންތަކެއް ވެދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސްކޫލްތަކަށް ކުދިން ކިޔަވަން ދަނީ އެ ބިންގާ ވަރުގަދަކުރުމަށް ކަމަށާއި، އެ ބިންގާ އަމިއްލައަށް ވަރުގަދަކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދަރިވަރެއްގެވެސް ޒިންމާއެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.