ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ކުރުވުމުގެ ސަބަބުން، އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ އެކި އިދާރާތަކުން ކުށުގެ ރިކޯޑު ސާފުކުރުމާއި، އިންތިޚާބަށް ކުރިމަތިލުމަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމަކީ ގިނަ ދުވަސްތަކެއް ހޭދަވާ ކަމެކެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ.
"ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފުކުރުމާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް އެތަކެއް ދުވަހެއް ނަގާތީ، މިއީ ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ފާހަގަކުރަން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މިކަމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ، އިންތިޚާބަކީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފަދަ އިންސާފުވެރި މާހައުލެއްގައި ބޭއްވޭ އިންތިޚާބަކަށް ހަދަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އޮތް ތާރީޚުތަކުގެ ސަބަބުން ކެންޑިޑޭޓުންނަށް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމުމަށް ނުހަނު ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ ޕާޓީން ބުނެފަވެއެވެ.
އެހެންވެ، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށާއި، ފޯމު ހުށަހެޅުމުގެ މުއްދަތަށް ބަދަލު ގެނައުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!