މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައަކީ ކުންފުންޏެއްގެ އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ސްކޭމް މެދުވެރިކޮށް ވަގަށް ނަގާފައިވާ މައްސަލައެކެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލ. އިސްދޫ މުޙައްމަދު ޙަސަން (59އ)، ސ. ހިތަދޫ އަލީ ޢިރުފާނު އަޙްމަދުދީދީ (26އ)، ސ. ހިތަދޫ ޢަލީ ޝިރާޒު (38އ)، ހދ. ވައިކަރަދޫ ޢަބްދުﷲ ނާފިޛް (39އ)، ގއ. ކަނޑުހުޅުދޫ މުޙައްމަދު ޢަލީ (42އ)، މާލޭގެއާގެ މުޙައްމަދު ނުހާދު ޢަލީ (30އ)، ހއ. ކެލާ މުޙައްމަދު ސިމާދު (38އ)، ގދ. ފިޔޯރީ އަލީ އިމްރާން (38އ)، ގދ. ތިނަދޫ ޢަބްދުﷲ އިސްރާޤް (19އ) އަދި ކ. ހިންމަފުށި މުޙައްމަދު އިބްރާހީމް (49އ) އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މީހުންގެ ތެރެއިން އެކަކު ހިންމަފުށިން، ތިން މީހަކު އައްޑޫ ސިޓީން އަދި ބާކީ ތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޯޓު އަމުރުތަކުގެ ދަށުންނެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދި ފައިސާ އެ މީހުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންނެވެ. މީގެ އިތުރުން އެކަކު ވަނީ އެ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް މުދާ ގަނެފައެވެ. އަދި ބާކީ ތިބި ތިން މީހުންނަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސް، އެ މީހުން މެދުވެރިކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއާ ހަވާލުވެފައިވާ މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އިބްރާހީމް 5 ދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން 7 ދުވަހަށް، އަދި ޢަލީ ޢިރުފާން އަޙްމަދުދީދީ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން ބާކީ ތިބި ހަ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުންނެވެ. މި އޮޕަރޭޝަންގައި ގޭންގު ކްރައިމް ޔުނިޓާއި، ހިންމަފުށި އަދި ހިތަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ބައިވެރިވެފައެވެ.