ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކުން މުޖުތަމައަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ހާއްސަ ސޯޝަލް އިމްޕެކްޓް އޮޑިޓް ވޯރކްޝޮޕެއް ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.

މި ވޯރކްޝޮޕަކީ ކައުންސިލްތަކުގެ ޖަމިއްޔާއިން އިސްނަގައިގެން އެކި ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ވޯރކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކައުންސިލުން ހިންގާފައިވާ އެކި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ފައިދާތަކާއި، މުޖުތަމައަށް އައިސްފައިވާ ހެޔޮ ބަދަލުތައް ސައިންޓިފިކް ގޮތެއްގައި ދެނެގަތުމެވެ.

މީގެ އިތުރުން، ހިންގާފައިވާ ހަރަކާތްތަކުގެ ނަތީޖާ ވަޒަންކުރުމަކީ ކުރިމަގުގައި މަޝްރޫޢުތައް ރޭވުމުގައި އެހީތެރިވެދޭނެ ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

ވޯރކްޝޮޕްގެ ތެރެއިން ކުރިއަށްދިޔަ އެންމެ މުހިންމު އެއް މަސައްކަތަކީ، މި ހިނގާ ކައުންސިލް ދައުރުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށްގެންގޮސްފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 10 މަސައްކަތެއް ދެނެގަތުމެވެ. މި 10 މަސައްކަތުގެ ސަބަބުން މުޖުތަމައަށް ނުކުތް އެދެވޭ ނަތީޖާތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރެވުނުކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ވޯރކްޝޮޕްގައި ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރާއި، ކައުންސިލަރުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަދި އިދާރީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޝަންތައް ފެސިލިޓޭޓްކޮށްދެއްވީ ކައުންސިލްތަކުގެ ޖަމިއްޔާގެ ފަރާތުން އަލްފާޟިލް އައިމަން ރަޝީދެވެ.

މިފަދަ އޮޑިޓްތަކުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް އެންމެ ބޭނުންތެރި ދާއިރާތަކުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.