ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު ބައެއް ގެތައް ބަދަލުކުރާނެ ބިން ސިޓީ ކައުންސިލުން އިއްޔެ ކަނޑައަޅައިފިއެވެ.
މި ބިންތަން ކަނޑައަޅާފައި ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 239 ވަނަ ޢާންމު ބައްދަލުވުމުގައެވެ.
މިގޮތުން ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތަކުގެ ތެރެއިން، ތަރިޖެހިގެ، ނަޖުމު، ސްޓަރ އަދި ކޮމެޓްގޭގެ 1009 އަކަފޫޓް އިސްރަށްވެހިންގެ ޕާކްގެ އިރުމަތީން އޮތް ހުސްބިމަށް ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ފާޅު ކިޔާގޭގެ 629.7 އަކަފޫޓް ގްލާސް ކިޔާ ގޯތީގެ ހުޅަނގުން ފެނަކަ ސަބްސްޓޭޝަންގެ ދެކުނަށް އޮތް ހުސްބިމަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ގާހަކަ ކިޔާގޭގެ 629.7 އަކަފޫޓް ސަނަމް ކިޔާ ގޯތީގެ ހުޅަނގަށް އޮތް ހުސްބިމަށް، ގުލްތަރުޖަމާގެ، އިޝާ، މަލްވިލާގޭގެ 449 އަކަފޫޓް ސިނަމަން ކިޔާ ގޯތީގެ އިރުމަތީން އޮތް ހުސްބިމަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އަދި ސީވިއުގޭގެ 1683.27 އަކަފޫޓް ސިނަމަން ކިޔާ ގޯތީގެ އިރުމަތީން އޮތް ހުސްބިމަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާއަށް އައި.ޓީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އެއް ހޯދުމަށް ވެސް ނިންމާފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން 30 ޑިސެމްބަރު 2025 ދުވަހު ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުމުގައި ވަނީ އެ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް، އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ގޮތުން އެ ސިޓީގެ "މަބުސްތާނުގެ" ކިޔާ ގޯތި ''ޑްރެސް'' ކިޔާ ގޯތީގެ ހުޅަނގަށް އޮތް ހުސްބިމަށް، "އެވަރސްނޯ" ކިޔާ ގޯތި ''ސަނަމް'' އަދި ''ސަހޭލި'' ކިޔާ ގޯތި ދެމެދުން އޮތް ހުސްބިމަށް، "ނިސާ" އާއި "ސީން" ކިޔާ ގޯތި ''މާބޮނޑި'' ކިޔާ ގޯތީގެ އިރުމައްޗަށް އޮތް ހުސްބިމަށް ބަދަލުކުރުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!