ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްއިން ހޯމަ ދުވަހު އާ ތަރުޖަމާނަކު ތައާރަފްކޮށް، އޭނާގެ ކުރިން އެ މަގާމުގައި ހުރި ތަރުޖަމާނު މިދިޔަ އޮގަސްޓް މަހު އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި ޝަހީދުވެފައިވާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އަރަބި މީޑިއާތަކުން ދެއްކި ރެކޯޑްކޮށްފައިވާ ހިތާބެއްގައި، އާ ތަރުޖަމާނު ހާމަކުރި ގޮތުގައި 'އަބޫ އުބައިދާ' ގެ ނަމުން މަޝްހޫރުވެފައިވާ އޭނާގެ ކުރިން އެ މަގާމު ފުރުއްވި ބޭފުޅަކީ ހުޒައިފާ ސަމީރު އަލްކަހްލޫތެވެ. އާ ތަރުޖަމާނުވެސް މިހާރު ބޭނުންކުރަމުންދަނީ ހަމަ އެ ނަމެވެ. މިއީ ކަހްލޫތުގެ އަސްލު ވަކިވަގުތެއްގައި ހާމަކުރި ފުރަތަމަ ފަހަރެވެ.

Ad
rt

އޭނާ ވަނީ ފާއިތުވި ވިހި އަހަރު ދުވަހު މޫނު ނުދައްކައި ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނުގެ ގޮތުގައާއި އަސްކަރީ ޔުނިޓުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އާ އަބޫ އުބައިދާ ވިދާޅުވީ، "ދެ ގަރުނެއްހާ ދުވަހު ދުޝްމަނުން މާޔޫސްކޮށް، މުއުމިނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ގައްސާމްގެ މީޑިއާގެ އިސްވެރިޔާ ހުޒައިފާ ސަމީރު އަލްކަހްލޫތު ވަކިވެދިޔުމަކީ ބޮޑު ހިތާމައެއް" ކަމަށެވެ.

'އަބޫ އުބައިދާ' ގެ ނަމުން މަޝްހޫރުވެފައިވާ ހަމާސްގެ ތަރުޖަމާނު ހުޒައިފާ ސަމީރު އަލްކަހްލޫތު

މީގެ އިތުރުން، ގައްސާމް ބްރިގޭޑްސްގެ ކުރީގެ ކޮމާންޑަރު މުހައްމަދު އަލްސިންވާރު މޭ މަހު ޝަހީދުވިކަމާއި، އަދި މި މަހުގެ ކުރީކޮޅު ރާއިދު ސައުދު ހިމެނޭހެން އިތުރު އަސްކަރީ ލީޑަރުންތަކެއް ޝަހީދުވިކަންވެސް އާ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދީފައެވެ.

ކަހްލޫތަކީ އަބަދުވެސް ރަތް ކެފިޔާއަކުން މޫނު ނިވާކޮށްގެން ފެންނަ ބޭފުޅަކަށް ވުމުން، އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައުލޫމާތު ވަނީ ސިއްރުވެފައެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ހަނގުރާމައިގެ މައިދާނުގެ ހަބަރުތައް ގެނެސްދިނުމަށާއި އިޒްރޭލަށް ގޮންޖަހައި ދޭ ބަޔާންތަކުގެ ސަބަބުންނެވެ. އޭނާގެ މަގުބޫލުކަން އަރަބި ދުނިޔޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ހާއްސަކޮށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަމަލާއަށްފަހު އޭނާގެ ނަން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

ކަހްލޫތު އެންމެ ފުރަތަމަ ތަރުޖަމާނެއްގެ ގޮތުގައި ފެނިގެންދިޔައީ 2004 ވަނަ އަހަރުއެވެ. އަދި 2006 ވަނަ އަހަރު އިޒްރޭލުގެ ސިފައިންގެ މީހެއް ކަމަށްވާ ގިލާދު ޝާލިތު ހައްޔަރުކުރިކަން އިއުލާންކުރުމާއެކު އޭނާގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.