އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ފަދަ ތަފާތު ހަރަކާތްތައް ހިންގާނެ މަރުކަޒުތަކެއް ރަށްރަށުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި މަޝްރޫއަކީ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad
rt

ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިގޮތުގައި މި މަރުކަޒުތައް ނުވަތަ 'ނާދީ' ތައް އެޅުމަށް މިހާތަނަށް 77 ރަށު ކައުންސިލަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މި މަރުކަޒުތައް ހިންގުމަށް ހަމަޖެހިފައިވަނީ މިހާރު މާލޭގައި ހުންނަ 'އިސްރަށްވެހިންގެ ނާދީ' އާ އެއްގޮތް މޮޑެލްއަކަށެވެ. އެގޮތުން، އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ ބައްދަލުވުންތަކާއި، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އެހީތެރިވެދޭނެ ތަފާތު ޕްރޮގްރާމްތައް މި ތަންތަނުގައި ކުރިއަށް ގެންދާނެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، މި ތަންތަނުގެ ހިދުމަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މުވައްޒަފުންނާއި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި، ކަރާމާތް ހިފަހައްޓައި، މުޖުތަމަޢުގެ ތެރޭގައި އެބޭފުޅުންގެ އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި، "ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް" އިފްތިތާހްކޮށްފައެވެ. މިއީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން ތަންފީޒުކުރަން ނިންމާފައިވާ ޕޮލިސީއެކެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕޮލިސީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ ބޭފުޅުންނަށް އުމުރާ އެކަށީގެންވާ ފެންވަރު ރަނގަޅު ޞިއްޙީ އަދި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުމާއި، މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުން ވެސް މި ޕޮލިސީގައި ވަނީ ހިމަނާފައެވެ.