ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކޮށް، އެކުދިންގެ ފަންނުވެރިކަން ދައްކާލުމަށް ބާއްވާ "ލިޓް ފެސްޓް 2025" މި މަހުގެ 25، 26 އަދި 27 ގައި ބޭއްވުމަށް ނިންމައި އެންމެފަހުގެ ތައްޔާރީތައް ކުރިއަށްއެބަދެ އެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ މި ފެސްޓިވަލަކީ 14 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި ފެސްޓިވަލްގައި އާޓްސް، ކުކަރީ، ހޭންޑީ ކްރާފްޓް އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ހުނަރުތަކެއް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތް، ލައިވް އާޓް، ކްލޭ އާޓްސް، ހެނާ އާޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ އަދި އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ޑިޖިޓަލް އާޓްސް އާއި 3ޑީ އެނިމޭޝަންގެ އިތުރުން، ލަވަކިޔުމާއި، ނެށުމާއި، ބޮޑުބެރު، ޑްރާމާ، ސްޓޭންޑްއަޕް ކޮމެޑީ އަދި ކޮންޓެންޓް ކްރިއޭޝަން ފަދަ ތަފާތު ހުނަރުތަކަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންތިޒާމުތަކާއި، އެކަމަށް ހިނގާނެ ހުރިހާ ޚަރަދެއް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ހަރަކާތްތަކަށް ބޭނުންވާ އިދާރީ ތަކެތިވެސް މިނިސްޓްރީން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މި ފެސްޓިވަލަކީ އާންމުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. ފެސްޓިވަލްގެ ބައިވެރިން ތައްޔާރުކުރާ ތަކެތި އާންމުންނަށް ވިއްކުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި، މިހާރުވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަށް ހުށަހަޅަމުންދާއިރު، ކޮންމެ ކުއްޖަކުވެސް ބައިވެރިވާން ޖެހެނީ ބެލެނިވެރިޔަކާ އެކުގައެވެ.
ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި (ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް) އާންމުކޮށްފައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. "މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން،" މިނިސްޓްރީން ފާހަގަކުރިއެވެ.
މި ފެސްޓިވަލަކީ ޒުވާނުންގެ މެދުގައި އޮތް ފަންނީ ހުނަރުތައް ކުރިއަރުވައި، އެކުދިންގެ މަސައްކަތްތައް މާކެޓްކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް ޔޫތު މިނިސްޓްރީން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!