ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ހުޅުމާލޭގައި ކުރިމަތިވެފައިވާ ޕާކިންގ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން، ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރާނަމަ، އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންގ އަށް ހާއްސަކުރުން މަޖުބޫރު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އެ އިމާރާތެއްގައި ދިރިއުޅޭ ރައްޔިތުންގެ އުޅަނދުތައް ޕާކު ކުރުމަށް ފަހިކޮށްދޭ ފުރުސަތެކެވެ.

ޕާކިންގް ފްލޯގެ އިތުރުން، އިމާރާތުގެ އެއް ފްލޯ ނޮން-ރެޒިޑެންޝަލް ނުވަތަ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ހާއްސަކުރަން ޝަރުތުކުރައްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އެއީ ކޮމާޝަލް ވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު ހުޅުމާލޭގެ ދެ ފިޔަވަހީގެ ގޯތިތަކުގެ ވެރިންނަށްވެސް 10 ބުރިއަށް އިމާރާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރައީސް ވިދާޅުވީ މިކަމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.