ރ. ދުވާފަރުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މަހުގެ 19 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އެ ރަށު ފަޅުތެރޭގައި އޮތް ދޯންޏެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މައްސަލާގައި ހައްޔަރުކުރި މީހުން
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް ފިރިހެނުން ހައްޔަރުކޮށްފައެވެ. އެއީ:
1. މުޙައްމަދު ޝައްފާން (29އ)، ރ. ދުވާފަރު / ލިލީމާގެ
2. އަޙްމަދު ޢާޞިމް (38އ)، ރ. ދުވާފަރު / ސައިޑްރިވަރ
3. އަޙްމަދު ސާއިފް ޢަބްދުއްޝުކޫރު (28އ)، ރ. ދުވާފަރު / ޗަމްޕާގެ
4. ސިޔާމް މުޙައްމަދު (34އ)، ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ
5. މުޙައްމަދު ސަޢީދު (43އ)، ޅ. ނައިފަރު / ސަބީނާ
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޢާޞިމް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!