ޒަކާތު ފަންޑު ބަލަހައްޓާނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަމަށް ކަނޑައަޅައި، ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ޒަކާތާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން ގެނައި އިސްލާހުގައިވާ ގޮތުން، ޒަކާތު ފަންޑު ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިކޮށް، އެމްއެމްއޭގައި ހުންނަ ވަކި އެކައުންޓެއްގައެވެ. ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މިދިޔަ އޮގަސްޓް 10 ވަނަ ދުވަހު ހުށަހެޅުއްވި މި ބިލު، މިއަދު ފާސްވީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ، އިސްލާމީ ޝަރީޢަތުގައި ޒަކާތް ޝަރުޢުކުރެވިފައިވާ މަޤްޞަދުތައް ހާސިލުކުރެވޭނެ ގޮތަކަށް، ރާއްޖޭގައި ޒަކާތް ދިނުމާއި ބަލައިގަތުމުގެ ކަންކަން ހަރުދަނާކޮށް، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމަށް ވަކި އޮނިގަނޑެއް ގާއިމުކުރުމެވެ. ބިލުގައި ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ހިމެނޭ ގޮތަށް، ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި ބަލައިގަންނާނެ ގޮތްތަކުގެ އިތުރުން ޒަކާތުގެ ފައިސާ ލިބޭނެ ފަރާތްތަކުގެ ތަފުސީލު ވެސް ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!