ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑރ. ހުސައިން ސަނީ ޢުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފައިވާކަމަށެވެ.

Ad
rt

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސަނީ ޢުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެކެވެ. މި މައްސަލާގައި އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި، މިއަދު (3 ޑިސެންބަރު 2025) ދުވަހު ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހެޅިއެވެ.

މި ހުށަހެޅުމުގައި ބިނާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށެވެ. އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ވެސް ވަނީ ރިޢާޔަތްކޮށްފައެވެ. ޕީޖީގެ ހުށަހެޅުމާ އެއްގޮތަށް، ކްރިމިނަލް ކޯޓުން ވަނީ ސަނީ ޢުމަރު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދޭނެ ކަމަށާއި، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް ވެސް އެދި ހުށަހެޅުމަށް ޤަޞްދުކުރާ ކަމަށެވެ.

މިއީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ސީރިއަސްކަމާއެކު ފިޔަވަޅު އަޅަމުންދާކަން ހާމަވާ ކަމެކެވެ.