ގެވެށި އަނިޔާ އާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ފަސް ދުވަހުގެ ތަމްރީނަކީ ޖެންޑާ މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)، އަދި ޔޫއެންޑީޕީ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ހިންގާ 'އެއިމް' ޕްރޮޖެކްޓްގެ ދަށުން ފެށި ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިންގެ ދެވަނަ ބެޗެވެ.
މި ތަމްރީނުގެ މައިގަނޑު މަޤުސަދަކީ ޖެންޑަރ ބެސްޓް ވައިލެންސް (ޖީބީވީ)، ގެވެށި އަނިޔާ، އަދި ޖިންސީ ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމެވެ. އަދި މިފަދަ މައްސަލަތަކުގައި އަމަލުކުރާނެ ގާނޫނުތަކާއި އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުވައި، ޝަރުޢީ ނިޒާމުގެ ތެރެއިން އިންސާފު ލިބިދިނުން އަވަސްކުރުމަށް މަގުފަހިކުރުމެވެ.
މި ޕްރޮގްރާމްގައި މެޖިސްޓްރޭޓުންނަށް ޖެންޑަރ ކޮންސްޓްރަކްޝަންގެ މައްޗަށް އަލިއަޅުވާލައި، އިންސާފު ހޯދުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށްތަކުގެ ގާނޫނުގެ ދަށުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އިޖްރާއަތްތައް ވަރަށް ތަފްސީލުކޮށް ދަސްކޮށްދެވޭނެއެވެ.
ބައިވެރިވާ މެޖިސްޓްރޭޓުންނަށް ހެކި ބަލައިގަތުމާއި ހެކީގެ ވައްތަރުތައް ދެނެގަތުމުގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކުގައި ރިސްކް އެސެސްމަންޓްތައް ހަދާނެ ގޮތްތަކާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޖުޑިޝަލް ރެގިއުލޭޝަންތަކާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މި މައުލޫމާތުތަކުގެ ސަބަބުން ކޯޓުތަކަށް މިފަދަ މައްސަލަތައް ނިންމުމުގައި އިތުރު ހަރުދަނާކަމެއް ގެނެސްދެވޭނެއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުހިންމު ތަމްރީނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 31 މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވައެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ޖިންސީ ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ކޯޓުތަކުގައި ނިންމުމުގައި އިތުރަށް ހަރުދަނާކަން ގެނެސްދިނުމަށް އެހީތެރިވެގެންދާނެކަމަށް ޖެންޑާ މިނިސްޓްރީން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!