ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ހުޅުމާލެ ބަނދަރުން ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓްގެ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނެފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޑިސެންބަރު 15، 2025 ގައެވެ.

Ad
rt

މި ވައްކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އެވެ. މި ވައްކަމުގައި ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ރައްކާކޮށްފައި ހުރި ކޮންޓެއިނަރެއް ވަނީ ވަގަށް ނަގާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅީ ޑިސެންބަރު 3، 2025 ގައެވެ.

ޕީޖީ އޮފީހުން ވަނީ މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށް 10 މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން ތަފާތު ދައުވާތައް އުފުލާފައެވެ. މައިގަނޑު ދައުވާތަކަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން ނުވަތަ ވައްކަންކުރުމުގެ ކުށުގެ ދައުވާ، އަދި އެކުށަށް ރޭވުމާއި ބައިވެރިވުމުގެ ދައުވާތަކެވެ.

މިގޮތުން ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި (ދިގަލި-އެޕޯލޯ ކުންފުނީގެ ވެރިޔާ)، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފާއި (އާއްޓޭ- ލޮޓަސް ފިހާރައިގެ ވެރިޔާ)، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް ވަނީ ވައްކަންކުރުމަށް ރޭވުމުގެ ކުށާއި، ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ.

ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ އިތުރުން ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް ވަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މީގެ އިތުރުން ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން، އަދި ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު އަލަމިން މިޔާގެ މައްޗަށް ވަނީ ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. ޕީޖީ އޮފީހުން ފާހަގަކުރާ ގޮތުގައި، ވައްކަންކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާ ފަރާތްތަކަކީ މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެވެ.

މި މައްސަލައިގައި ތުހުމަތުކުރެވުނު ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ، އޭނާގެ ބައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައެވެ.

މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބުކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

''އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނަން'' ޕީޖީން ބުނެފަވެއެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ ވަރަށް ރޭވުންތެރިކަމާއެކުއެވެ. މިގޮތުން، ވަގަށް ނެގުނު ކޮންޓެއިނަރުތަކާ އެއްގޮތް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެރެގެން ގެންދިޔައީއެވެ. އަދި، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް ބެހެއްޓިއެވެ.

މީގެ އިތުރުން، ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާއިރު، އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހަލާކުކުރި ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ.