ށ. ޅައިމަގު ސްކޫލްގެ ''ކްލަބް ލަކުސަނަ''އިގެ ފަރާތުން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފިއެވެ.

މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ.

Ad
rt

މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ''ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު''ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 ގައިކަން ވަނީ ފާހަގަކޮށްފައެވެ. އެތަން އެ އަތޮޅު ވެރިރަށް އެއިރުގެ ފަރުކޮޅު ފުނަދޫ، މިހާރުގެ ފުނަދޫ އަށް ބަދަލުކުރީ ޖެހިގެން އައި 1971 ވަނަ އަހަރުކަން އެލިޔުމުގައި ފާހަގަކޮށްފަވެއެވެ. އެއީ އިބްރާހީމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރެވެ. ތާރީޚްގެ ބައިގައި 2004 ވަނަ އަހަރު ރާއްޖެއަށް އެރި ބޮޑުރާޅު ނުވަތަ ސުނާމީ އެރި ދުވަހާއި ގުޅުވައި ފާހަގަކުރެވޭ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މައްޗަށް ލިޔުމެއް ކިޔެފަވެއެވެ.

މިފޮތުގައި ''މީހުން''ގެ ބައިގައި ގެނެސްދީފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރު ޅައިމަގުގެ ނައިބުކަން ކުރެއްވި އެރަށު ވައިޖެހޭގެ އާދަމް މުހައްމަދު ނުވަތަ ނައިބުކަލޭފާނާއި ބެހޭގޮތުންނެވެ. ނައިބުކަލޭފާނަކީ ރައްޔިތުންގެ ލޯބި ހޯއްދެވި ދީލަތި، ޢަދުލުވެރި ބޭފުޅެއްކަން މިލިޔުމުގައި ފާހަގަކޮށްފަވެއެވެ. އަދި އެއީ މުޅި އުތުރުގައި ވެސް ބަސްހިނގާ އިސް ސަފުގައި ގުނާލެވުނު ބޭފުޅެއްކަން ވަނީ މިލިޔުމުގައި ފާހަގަކޮށްފައެެވެ.

މިފޮތުގައި ދަރުވަރުގެ ގަލަމުން ބައިގައި ޅައިމަގު ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރު މާކިން އާދަމް އަފީފް ''ދިވެހި ބަސް'' މަޢުލޫއަށް ލިޔުމެއް ގެނެސްދީފައިވާއިރު، ގްރޭޑް 9 ގެ ދަރިވަރު ޒީކު ބިންތި މޫސާ ޒަކީ ވަނީ ''ފޯނުގެ އިހުސާސް'' ނަމުގައި ޅެމެއް ގެނެސްދީފައެވެ.

މިފޮތުގައި ޚަބަރުގެ ބައިގައި ޅައިމަގު ސްކޫލްގެ ސްޓާފް ރެކްރިއޭޝަން ކްލަބުން ސްޓާފުންގެ މެދުގައި ބޭއްވި ބެޑްމިންޓަން މުބާރާތުގެ ޚަބަރު ގެނެސްދީފައި ވެއެވެ.

ޅައިމަގު ސްކޫލްގެ ''ކްލަބް ލަކުސަނަ''އިގެ ފަރާތުން ނެރޭ ލުއިފޮތް ''ފަށަން'' ކިޔާލަން ކްލިކޮށްލައްވާ!