ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން ޖުމްލަ 78 ބުލެޓު މަސްތުވާތަކެތި ނަގާފައިވަނީ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން މިރޭ ހާމަކޮށްފި އެވެ.

މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ، ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގަ ބިދޭސީއަކު މަރުވެގެން ރިޕޯޓުކޮށްފައިވަނީ، ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނު މީހަކީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

Ad
rt

މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހު ކަމަށާއި، އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގެ ގެސްޓްހައުސްއަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ހަށިގަނޑުގެ ސީޓީ ސްކޭނެއް ހެދުމުން ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާ ހޯދުމަށްފަހު، ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ވަނީ ޑޮކްޓަރެއްގެ އެހީތެރިކަމާއެކު އެތަކެތި ނަގާފަ އެވެ. ހަށިގަނޑު ބޮޑަށް ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަނެއްގައި އޮޕަރޭޝަން ނުކުރެވޭތީ، އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާއާއެކު އެތަކެތި ނަގާފައިވަނީ އެހެން ތަނެއްގަ އެވެ. ނެގުނު ޖުމްލަ 78 ބްލެޓްގެ ބަރުދަނަކީ 818 ގްރާމެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި، މައުލޫމާތު ހާމަކުރުމުގައި ލަސްކުރީ ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ފުލުހުން މިހާރުވެސް މިމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި، މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރާއިރު ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.