ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަން “އަލިމަގު”ގެ ދަށުން، އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މަޢުލޫމަތުދެމުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރުގެ މާޗް މަހުން ފެށިގެންނެވެ.

Ad
rt

ފުލުހުން ހާމަކުރެއްވި ގޮތުގައި، މި ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ވަނީ ހޯދިފައެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައުލޫމާތާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ހިންގާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގެޓް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދެއްވައި ނަސޭހަތްތެރިވެފައިވެއެވެ. މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް، ހަމްދަރުދީއެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށާއި، ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ “އަލިމަގު” އޮޕަރޭޝަނުގައި މީގެ ކުރިން ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގެ ދަށުން މިދިޔަ މަހު 25 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ޖުމުލަ 188،959 ރުފިޔާ ފެނުނުކަން ހާމަކުރައްވާފައެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމުގައި ވާއިރު، މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ އެއާ ބެހޭ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް މަގުފަހިކޮށްދޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މި އިސްލާޙުގެ ދަށުން، ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާޤުވާ ހާލަތެއްގައި، މިފަދަ ކުށްވެރިންނަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބާރު ލިބިގެންދާނެ އެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެ ޝަރުޠެއް ފުރިހަމަވާ ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވުމަށް ލާޒިމުވާނެ އެވެ. ފުރަތަމަ ޝަރުޠަކީ، އެ މީހަކު އެތެރެކުރި މަސްތުވާތަކެތީގެ ބާވަތަށް ބަލާއިރު، ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި ބަރުދަނެއް ހަމަވުމެވެ. ދެވަނަ ޝަރުޠަކީ، އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާ އެއްޗަކީ، އެ މީހަކު އެތެރެވި ވަގުތު އެ މީހާ އާއެކު އެތެރެކުރި އެއްޗަކަށްވުމެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން މިހާރު ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ މުއްދަތު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ބަންދުކުރެވޭ ގޮތަށް ބަދަލުކުރުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.